ރައީސް ޑރ. މުހައްމަދު މުއިއްޒު ދައްކަވަމުން ގެންދަވަނީ ގައުމީ ލީޑަރެއްގެ ނަމޫނާ ކަމަށް ވިދާޅުވެ، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ތައުރީފުކުރައްވައިފިއެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިގުތިސާދުގައި ޑޮލަރު ދައުރުނުވާ މައްސަލައަށް ނިމުމެއް ގެނައުމަށް ރައީސް ނިންމެވި ނިންމެވުމަކީ ވަރަށް ދުރުވިސްނޭ، ހަރުދަނާ ސިޔާސީ ނިންމެވުމެކެވެ. ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން އެދިވަޑައިގަތުމުގެ މަތިން ނިންމެވި މި ނިންމެވުމަކީ، ކުރީގެ ވެރިންނަށް އަމަލީ ގޮތުން ކުރައްވަން ކެރިވަޑައިނުގެންނެވި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައިވެސް ކުރީގެ ވެރިން ފަހަތަށް ޖެހިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ނައިބު ރައީސް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ގާނޫނީ ޒިންމާވާ ގާނޫނު ސަސްޕެންޑްކޮށް، ނަތީޖާއަށް ނުބަލައި ފައިސާ ޗާޕުކުރުމުގެ ސަބަބުން ގައުމު ބަނގުރޫޓުވުމުގެ ބިރާ ކުރިމަތިލާންޖެހުނު ކަމަށެވެ. ކޮވިޑް-19 ގެ ތެރޭގައި އެކަން ނުކުރުމަށް އޭރުގެ އިދިކޮޅު ފަރާތްތަކާއި ވިޔަފާރިވެރިންގެ އިތުރުން، މިހާރުގެ އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އާދޭސްކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމަށް އިޖާބަނުދީ، ދައުލަތުގެ ހޮސްޕިޓަލްތަކާއި ސްކޫލްތައް މޯގޭޖުކުރި ކަމަށް ފާހަގަކުރެއްވިއެވެ.
ރައީސްގެ މި މަސައްކަތްޕުޅުތަކާއެކު، ރައްޔިތުންނަށް ބުރައަކަށް ނުވާނެ ގޮތަށް ގައުމުގެ ދަރަނިތައް މަޑުމަޑުން ސަލާމަތްކުރައްވަމުން ގެންދަވާ ކަމަށާއި، ތާރީހުން އެމަނިކުފާނަށް ހާއްސަ ޖާގައެއް ލިބިގެންދާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.





