ސިޔާސީ އެކި ފިކުރުތަކާއި ހިޔާލުތައް އިސްކުރާއިރު، އެންމެ ފުރަތަމަ ކަމަކަށް ތިމާއަކީ ދިވެހި ރައްޔިތެއްކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށާއި އެންމެ ފުރަތަމަ ގައުމު އިސްކޮށް ދިވެއްސަކަށްވީތީ ފަހުރުވެރިވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން ސިޔާސީ މަންފާއެއް ހޯދުމަށް ފަތުރަމުންދާ ވާހަކަތަކާއި ގުޅިގެން ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންނާއި ގައުމުގެ ލާބަޔާއި މަންފާއަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ސިޔާސީ ހިޔާލުތަފާތުވުންތައް އެއްފަރާތްކޮށް، ގައުމީ މަސްލަޙަތު ކުރިއަށް ނެރުމަކީ އިދިކޮޅު ފަރާތްތަކުގެ ވެސް ޒިންމާއެކެވެ. ނަމަވެސް، އިދިކޮޅު ފަރާތްތަކުގެ އަމަލުތަކުން ގައުމީ މަސްލަހަތު އިސްނުކުރާ މަންޒަރު ފެނިގެންދާތީ އެމަނިކުފާނު ވަނީ ހިތާމަފާޅުކުރައްވާފައެވެ.
މި މައުޟޫއަށް އިތުރަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ދާދިފަހުން ބޭއްވި ޕާޓީގެ ކޮންގްރެސްގެ ޖަލްސާގައި ވެސް ގައުމިއްޔަތާއި "ދިވެހިވަންތަކަން" އިސްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަދައްކަވާފައިވާނެ ކަމަށެވެ. އެގޮތުން، ބައެއް ފަރާތްތަކުން ސިޔާސީ ކަންކަމުގައި ހައްދުފަހަނައަޅައި ގޮސް، ތިމާއަކީ ދިވެއްސެއްކަން ވެސް ހަނދާންނެތޭ ހިސާބަށް ކަންކަން ގޮސްފައިވާކަން ފާހަގަކުރެއްވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ވެރިކަމުގައި ކޮންމެ ބަޔަކު ތިބި ނަމަވެސް، ގައުމުގެ ތަރައްގީއަށާއި ރައްޔިތުންނަށް ފައިދާހުރި ކަމެއް ކުރާނަމަ އެކަމަކަށް އެއްބާރުލުންދީ ތާއީދުކުރަންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގައުމު އިސްކުރުމުގެ ރޫހު ނެތުމަކީ ޤައުމުގެ ކުރިއެރުމަށާއި ތަރައްގީއަށް ކުރިމަތިވާ ބޮޑު ހުރަހެއް ކަމުގައި ފާހަގަކުރެއްވިއެވެ.





