ރާއްޖޭގެ ކަޅު ބަޅު ބާޒާރުގައި މިހާރު ވެސް ބޭރު ފައިސާގެ ރޭޓް ދަށްވަމުން އަންނަ ކަމަށާއި ވިޔަފާރިވެރިން ހިމެނޭ ގޮތަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ ރައްޔިތުންނަށް ފައިދާވާނެ މުހިންމު ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ %40 ކޮންމެ މަހަކު ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އިތުރު ބިލްތަކެއް ތަސްދީގު ކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ގާނޫނާ ހިލާފަށް ކަންކަން ކޮށްގެން ފައިދާވާނެ އެއްވެސް ފަރާތެއް ނޯންނާނެ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ ވިޔަފާރިވެރިންނާ އެކުގައެވެ.

"އަޅުގަނޑުމެންނަކީ ވިޔަފާރިވެރިންނަށް އެންމެ ބޮޑަށް މަގުފަހިކޮށްދޭން މަސައްކަތް ކުރާ ފަރާތް. ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަށް ގެންދިއުމުގައި ވަރަށް ގިނަ ކަންކަން އެބަ ކުރަން. އެހެންވީމަ ކުރިއަށް އޮތް ތަނުގައި ވެސް މި ގާނޫނުތަކުގެ ޒަރިއްޔާ އިން އަޅުގަނޑުމެން ދާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ އެކީގައި ގާތުން މަސައްކަތް ކުރަމުން. އޭގެ ފައިދާ ރައްޔިތުންނަށް ކުރަމުން ދާނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި ބަދަލާއެކުގައި އެމްއެެމްއޭއަށް ލިބޭ ބޭރު ފައިސާގެ އަދަދު އިތުރުވެ، އަސާސީ ކަންކަމަށް ހަރަދުތައް ކުރަން ފަސޭހަވާނެ ކަމަށެވެ. އެ ފައިސާ ބޭނުންކުރާނީ ރާއްޖެއަށް އިމްޕޯޓްކުރާ މުދަލަށް ފައިސާ ދެއްކުމަށާއި ވިޔަފާރިތަކުން ޓީޓީ ކުރުން ކަހަލަ އަސާސީ ބޭނުންތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

.ރައީސް ވިދާޅުވީ ކަޅު ބާޒާރުގައި ބޮޑު އަގުގައި ބަޔަކު ޑޮލަރު މާރުކުރާކަން އެނގެން އެބައޮތް ކަމަށާއި އެކަން ކުރާނީ ބޭރު ފައިސާ ދަތިކަމެއް ނެތި ލިބޭތީ ކަމަށެވެ. އަދި އެހެން ނޫނަސް، ރިސޯޓުތަކަށް ބޭރު ފައިސާ އިން ލިބޭ އާމްދަނީގެ %40 މާރުކުރުމުން އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެކަން ތަފާހިސާބުތަކުން ފެންނަ އެބައޮތް ކަމަށް ވިދާޅުވިއެވެ.