ކަރުނާޓަކާގެ ބެލަގާވީގައި އާދީއްތަ ދުވަހު މަސައްކަތްތެރިންތަކެއް ބޭއްވި ކެއުމުގެ ހަފުލާއެއް ހިތާމަވެރި ހާދިސާއަކުން ނިމިއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ކުކުޅު މަސްކޮޅުތަކެއް ބެހުމާ މެދު އުފެދުނު ދެބަސްވުމަކަށްފަހު، އަރުން ނަމަކަށް ކިޔާ މީހަކު އޭނާގެ ރަހުމަތްތެރިޔާ ސީތާރާމަށް ވަޅިން ހަމަލާދިނުމާ ގުޅިގެންނެވެ. ފުލުހުން މި މައްސަލަ ގާތުން ބަލަން ފެށީ، މި ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި މީހުން އެއީ ވެއްޓިގެން ލިބުނު އަނިޔާއެއް ކަމަށް ދައްކަން މަސައްކަތް ކުރުމުންނެވެ. ނަމަވެސް މިހާރު ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދަނީ ގަސްތުގައި މީހަކު މަރާލުމުގެ މައްސަލައެއްގެ ގޮތުގައެވެ.

ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، ސީތާރާމް އާއި އަރުންނަކީ އުއްތަރު ޕްރަދޭޝްގެ ފިލިބިތު ޑިސްޓްރިކްޓަށް ނިސްބަތްވާ، ބެލަގާވީގެ ދަގަނޑު މަސައްކަތްކުރާ ކުންފުންޏެއްގައި އެކުގައި ވަޒީފާ އަދާކުރަމުންދިޔަ ދެމީހުންނެވެ. އެމީހުން ދިރިއުޅެމުންދިޔައީ އިތުރު ތިން ހަތަރު މަސައްކަތްތެރިންނާއެކު އެއް ފޭލިގެއެއްގައެވެ.

އާދީއްތަ ދުވަހަކީ ބަންދު ދުވަހަކަށް ވުމުން، އެ މީހުން މަސްތުވާތަކެތި ބޭނުންކޮށް، ކުކުޅު ކެއްކި ކަމަށް މަޢުލޫމާތު ލިބެއެވެ. ކެއުމުގެ ތެރޭގައި، އަރުން ގިނައިން ކުކުޅު މަސްކޮޅު ކާކަމަށް ބުނެ ސީތާރާމް ސުވާލުކުރުމުން ދެމީހުންގެ މެދުގައި ދެބަސްވުމެއް އުފެދުނެވެ.


ކުޑަ ޒުވާބަކުން ފެށުނު މި ހާދިސާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވަނީ ބޮޑު މާރާމާރީއަކަށް ބަދަލުވެފައެވެ. މަސްތުގެ ހާލަތުގައި ހުރި އަރުން، ވަޅިއެއް ނަގައި ސީތާރާމްގެ މޭއަށް ހަމަލާދީފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ.

އަނިޔާލިބުނު ސީތާރާމް ގޮވައިގެން އަރުން ހޮސްޕިޓަލަށް ގޮސް، އޭނާއަށް އަނިޔާވީ އިމާރާތަކުން ވެއްޓިގެން ކަމަށް ބުނެފައިވެއެވެ. ނަމަވެސް، ފުލުހުންނަށް މިކަމުގައި ޝައްކުތަކެއް އުފެދި، ތަހުގީގުގެ ތެރެއިން އޭނާއާ ސުވާލުކުރިއެވެ.

ސީތާރާމް ފަހުން ވަނީ ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މަރުވެފައެވެ. އަދި މި މައްސަލައިގައި އަރުން ވަނީ ހައްޔަރުކޮށްފައެވެ.

ބެލަގާވީގެ އެސް.ޕީ ކޭ. ރާމަރާޖަން ވިދާޅުވި ގޮތުގައި، "މި ހާދިސާ ފުރަތަމަ އޮތީ ސިއްރުކޮށްފައެވެ. ނަމަވެސް، ފުރިހަމަ ތަހުގީގަކަށްފަހު، މިއީ ގަސްތުގައި މީހަކު މަރާލުމުގެ މައްސަލައެއްކަން ފުލުހުންނަށް ވަނީ ކަށަވަރުވެފައެވެ."